"" Welcome to my thoughts: ވަޒީފާ ހޯދުމުގައި ކާމިޔާބު ނުވަނީކީއްވެ؟

Wednesday, October 4, 2017

ވަޒީފާ ހޯދުމުގައި ކާމިޔާބު ނުވަނީކީއްވެ؟ވަޒީފާއެއް ނުލިބިގެން އުޅޭމީހުން މުޖުތަމަޢުގައި ވަރައްގިނައިން އުޅޭތަން އަބަދުމެ ފެނެއެވެ. މީގެ ތެރޭގައި ޢިލްމީ އަދި ތަޖުރިބާގެ ގޮތުން ފާހަގަ ކޮއްލެވޭފަދަ މީހުންވެސް ހިމެނެއެވެ. ވަކިން ހާއްސަކޮށް ސުކޫލް ނިންމާ ނިކުންނަ ޒުވާނުން ގިނަކަން ފާހަގަ ކޮއްލެވެއެވެ. އެއީ ކީއްވެ ހެއްޔެވެ. ހަޤީޤަތުގައިވެސް ވަޒީފާ ނުލިބެނީ ހެއްޔެވެ؟ ނޫނީ އެކަށީގެންވާ ވަރަށް އެކަމަށް މަސައްކަތް ނުކުރެވެނީތޯއެވެ؟ ރައްޓެހިންނަށް ދީފައި އެހެން މީހުންނަށް ދޭނެ ވަޒީފާއެއް ނޯންނަނީކަމުގެ ތުހުމަތު ގިނައެވެ. އަބަދުމެ ވަޒީފާ ދޭފަރާތް ތަކުގެ ބޮލުގައި އެތުހުމަތު އެޅުވުމަކީ ވަރައްވެސް އާންމު ކަމެކެވެ. މިކަމުގެ އަސްލަކީ ކޮބައިތޯއެވެ. މި ލިއުމުގައި ބަލާލާފައި ވާނީ ވަޒީފާއެއް ހޯދުމަށް ކޮންމެހެންވެސް ކުރުން މުހިންމު ކަންތަށްތަކުގެ މައްޗަށެވެ. އަދި ވަޒީފާ ހޯދުމުގައި ކާމިޔާބު ހޯދިދާނެ ބައެއް ގޮތްތަކަށެވެ.

ވަޒީފާހޯދުމަކީ ހަޤީޤަތުގައި އެހާ އުނދަގޫ ކަމެއްނޫނެވެ. އެއީ އެކަން ރަނގަޅައް ކުރެވޭނަމައެވެ.  ވަޒީފާއަކީ ތިމާގެ ހުނަރާއި އިލްމާއި ތަޖުރިބާ ޒިންމާދާރު ކަމާއިއެކު ފޯރުކޮށްދިނުމަށް ވަގުތު ކަނޑައެޅި ބަދަލުގައި ވަކި އުޖޫރައާއި އިނާޔަތް ލިބޭގޮތަށް އެއްބަސްވެވޭ އިމުގެ ތެރޭގައި ވަކިފަރާތަކަށް ތިމާ މަސައްކަތްކޮއްދިނުމެވެ. އެއްވެސް މީހަކީ ވަޒީފާ ދޭންޖެހޭ މީހެއްނޫނެވެ. އަދި ވަޒީފާ ލިބެނީ ވަޒީފާ ހޯދާފަރާތުގެ ވިސްނުމުންނަމަ އެންމެ އެކަށީގެންވާ މީހާއަކަށް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި ވަޒީފާއަށް ހުޅުވާލުމުން ވަނަވަރު ފޮނުވައިގެން ވަޒީފާ ލިބެނީ އާންމުގޮތެއްގައި އެންމެ %10 މީހުންނަށެވެ. މިހެންކަމުން  އިއުލާނު ކޮއްފައިވާ ކޮންމެ ވަޒީފާއަކަށް ތިމާގެ ވަނަވަރު ފޮނުވުމުން ވަޒީފާ ލިބޭނެކަމަށް ބެލުމަކީ އެންމެ ރަނގަޅުގޮތެއްނޫނެވެ. ގިނަފަހަރަށް ބޮޑެތި ޒިންމާދާރު ވަޒީފާތަކަށް މީހުން ނަގަނީ އާންމުކޮށް އިއުލާނުކޮށް އެނގުމެއްނެތިއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ވަޒީފާދޭ ފަރާތުން އަބަދުމެ ބަލަމުން ދާނީ މިފަދަ މަޤާމުތަކަށް އިތުބާތު ކުރެވޭ މީހުން ލުމަށެވެ. ވަޒީފާ ދޭފަރާތުގެ އަގު ހިފަހައްޓާނެ މީހުންނަށެވެ. މިހެންކަމުން ދެކިފަރިތަ އިތުބާރު ކުރެވޭ ފަރާތަކުން ހުށައަޅާ ނަންތަކުގެ ތެރެއިން މީހަކު ވަޒީފާއަށް ހޮވުމަކީ އާމުކޮށް ފެންނަކަމެކެވެ. އަދި މިފަދަ ފަރާތްތަކަށް ވަޒީފާ ލިބުމުގެ ފުރުސަތު %80 އިތުރެވެ. މިހެންކަމުން މުޖުތަމައުގެ ބަހުންނަމަ މިވެނި ވަޒީފާއަކީ އިއުލާނު ކުރުމުގެ ކުރިންވެސް ވަކި މީހަކަށް ދިނުމަށް ނިންމާފައިވާ ވަޒީފާއެކޭ ބުނުމުގެ ޖާގަ ވަރައްވެސް ހަނޏެވެ.

ވަޒީފާ ހޯދަން ހަދަންވީ ކިހިނެއް؟
ވަޒީފާ ހޯދަން ތިމާ ދުއްވައިގަތުމުގެ ކުރިން ތިމާ އަކީ ވަޒީފާގެ ބާޒާރުގައި ކިހާ އަގެއް ހުރި މީހެއްތޯބެލުމަށް އަމިއްލަ ނަފުސު މިނާލުމަކީ މުހިންމު ކަމެކެވެ. ތިމާގެ ހުރި ހުނަރު ތަކަކީ ކޮބަތޯ ތިމާއަށް އެނގެން ޖެހެއެވެ. ޖިސްމާނީގޮތުން ހުރި ގޮންޖެހުން ތަކާއި ނަފްސާނީގޮތުން ތިމާ ހުރީ ކޮންހިސާބަކުތޯ ބެލެންޖެހެއެވެ. އަދި މީގެ އިތުރުން ތިމާ ގަބޫލުކުރާ މިންގަޑުތަށް ނުވަތަ "އެތިކްސް" އަކީ ކޮބައިތޯ އެނގެން ޖެހެއެވެ. މީގެ ސަބަބަކީ ވަޒީފާ ލިބުން ބިނާވެފައި އޮންނަނީ ވަޒީފާ ދޭފަރާތައް ތިމާއަކީ އަގުހުރި ހިދުމަތެއް ކޮއްދެވިދާނެ ފަރާތެއް ކަމުގެ ފުރިހަމަ ޔަޤީންކަން ތިމާއަށް ބުނެދެވޭ މިންވަރެއްގެ މައްޗަށެވެ. ތިމާ އަދާކުރާހިތްވާ ވަޒީފާތަކުގެ ލިސްޓެއް އިސްކަންދޭ ތަރުތީބުން އެކުލަވާލުން މުހިންމެވެ. އަދި އެވަޒީފާތަކުގައި އާންމުކޮށް ބަލާ ޝަރުތުތަކާއި ތިމާއާއި އަޅާ ކިޔާލާލަން ޖެހެއެވެ. ވަޒީފާގެ ޝަރުތުތަކަށް ތިމާ ހޭނެންޖެހޭ ސަބަބަކީ ބޭނުންވާ ވަޒީފާ ލިބުމަށް ހުރަހެއްވާނަމަ އެކަން ދެނެގަތުމަށެވެ. ޝަރުތު ހަމަ ނުވެގެން ވަޒީފާ ނުލިބޭ ފަދައިން "އޯވަރ ކޮލިފައިޑް" ވެގެން ވަޒީފާ ލިބުން ހުރަހަކަށް ވެއެވެ. ވަޒީފާއަށް ދާންބޭނުންވަނީ ކޮން ކުންފުންނިތަކަށްތޯ ވެސް ދެނެގަންނަން ޖެހެއެވެ. ބަރާބަރަށް މުސާރަ ދެވޭނެ ފަރާތެއްތޯއާއި، މުއައްޒިފުންގެ ކުރި އެރުމަށް މަސައްކަތް ކޮއްދޭ ފަރާތެއްތޯބަލަންޖެހެއެވެ.

ވަކި ކުންފުންޏަކަށް ވަޒީފާއަށް ދާންބޭނުންނަމަ އެކުންފުނިތަކާއި ގުޅޭ ވީހާވެސް ގިނަ މައުލޫމާތު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މައިގަނޑު މަސައްކަތާއި އުފެދުނު ތާރީހާއި އޮފީސްތަކާއި ކާރުހާނާތަށް ހުންނަ ތަންތަނާއި ހޯދާފައިވާ ކާމިޔާބީތަކުގެ މައުލޫމާތެވެ. މިފަދަ މައުލޫމާތު ހޯދުމަށް ކުންފުނީގެ ވެބްސައިޓުން ނުވަތަ އެކުންފުނީގައި ވަޒީފާގައި ވަޒީފާ އަދާކުރާ މީހުންގާތު އެހިދާނެއެވެ. އަދި ވަޒީފާއެއް ހުސްނުވި ކަމުގައިވިއަސް އެކުންފުނީގައި ވަޒީފާ އަދާކުރަންބޭނުންވާކަމަށް ބުނެ އެކަމަށް ޝައުގުވެރިކަން ފާޅުކުރެވިދާނެވެ. އަދި ވަޒީފާއެއް ހުސްވުމުން އެކަމަށް އެދި ވަނަވަރު ފޮނުވާފައި ސުންގަޑި ހަމަވުމުން ޖަވާބެއް ނުލިބިއްޖެނަމަ ގުޅާލައި އޮޅުންފިލުވަންވާނެވެ. ވަނަވަރުލިއުމުގައި އެންމެ ފަހުން އަދާކުރި ވަޒީފާ އެންމެ ފުރަތަމަ ހިމަނައި ބާކީ ބައި އެބީދައަށް ލިޔަމުން ގެންދިއުމުން ވަނަވަރު ބަލާމީހުން ހޯދަން ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބޭނެވެ. ކުރިންވެސް ދެންނެވިފައިވާ ފަދައިން ރެފަރަލް ނުވަތަ ކުންފުނީގައި އުޅޭ މުއައްޒަފުންގެ ފަރާތުން "ރިކޮމެންޑް" ކުރެވޭ މީހަކަށް ތިމާވޭތޯ މަސައްކަތް ކުރަންވާނެވެ.

އިންޓަވިއުގައި އަމަލު ކުރާނީ ކިހިނެއް؟
ވަޒީފާގެ އިންޓަވިއުއަށް މަދުވެގެން 5 މިނެޓްކުރިން ދިއުމާއި ރީތިކޮށް ހެދުން އަޅައިގެން ހުރުމާއި ވަނަވަރުގެ ކޮޕީ ނުވަތަ އަސްލު ހިފައިގެން ދިއުމަކީ ވަޒީފާހޯދުމަށް ޝައުޤުވެރިކަން ދައްކުވައިދޭކަމެވެ. އިންޓަވިއު ކުރާ ހޯލަށް ވަދެ އިންޓަވިއު ޕެނަލްގައި ތިބޭމީހުންނަށް ހިނިތުންވުމާއި އެކު ބަލާލަން ޖެހެއެވެ. އޭގެ ސަބަބަކީ ފުރަތަމަ ނަޒަރުންވެސް ތިމާއަކީ މީހުންނާއި ގުޅޭ މިޒާޖުގެ މީހެއްކަން އިންޓަވިއު ޕެނަލަށް އެންގުމެވެ. އަދި އިށީނުމަށް ތަނެއް ދެއްކުމުން ނޫނީ އިށީންނަން ނޫޅޭށެވެ. ފޯނުގެ ހިފައިގެން ދާނަމަ ރިންގު ނިވާލައި ނޫނީ ސައިލެންޓް މޯޑުގައި ބޭއްވުން ވަރައް މުހިންމެވެ. އިންޓަވިއުގައި ވީހާވެސް ސާދާކޮށް ކުރާސުވާލަށް ޖަވާބު ދިނުން މުހިންމެވެ. އިންޓަވިއު ޕެނަލް އިންޕްރެސް ކުރުމުގެ ނިއަތުގައި ނުގުޅޭ ވަހަކަތައް ދެއްކުމަކީ އެހާ ރަނަގަޅު ކަމެއްނޫނެވެ. ވަކިން ހާއްސަކޮށް ކުރިން ވަޒީފާއެއް އަދާ ކޮއްފައިވާނަމަ އެތަނުގެ މެނޭޖްމަންޓް ނުބައިކޮއް ވާހަކަ ދެއްކުމުން އެއްކިބާވާށެވެ. އިންޓަވިއުއަށް ހާޒިރުވުމުގެ ކުރިން ކޮއްފާނެހެން ހީވާ ސުވާލުތަކުގެ ޖަވާބު ފަރިތަ ކޮއްލަން ޖެހެއެވެ. އެއީ ޖަވާބުދޭ ރާގާއި "ބޮޑީ ލޭންގުއޭޖުން" ތިމާގެ އަމިއްލަ ނަފުސައް އޮންނަ އިތުބާރު ހާމަވެގެން ދާނެވެ. އިންޓަވިއުގައި ވާހަކަ ދައްކާއިރު ކުރިމަތީގައި ތިބޭ މީހުންގެ މޫނަށްބަލާ ވާހަކަ ދެއްކުން އެއީ ވަރަށް މުހިންމު ކަމެވެ. ވާހަކަ ދެއްކުމުގައި މެދުމިނުގެ ސްޕީޑެއް ގެންގުޅެން ޖެހެއެވެ.
އިންޓަވިއު ނިންމާލުމުގެ ކުރިން ޖަވާބު ލިބޭނެ ދުވަހަކީ ކޮބައިތޯ ސުވާލުކޮއްލަން ވާނެވެ. އިންޓަވިއުއަށް ދިއުމުގެ ކުރިން ތިމާ ބޭނުންވާ އުޖޫރައާއި އިނާއަތްތައް އަމިއްލައަށް ކަނޑައަޅަންވާނެވެ. އަދި އިންޓަވިއުގައި އުޖޫރައާއި ބެހޭގޮތުން ސުވާލު ކޮއްފިނަމަ ވަކި އަދަދެއް ބުނުމުގެ ބަދަލުގައި އުޖޫރައިގެ ރޭންޖެއް ބުނާށެވެ. އުޖޫރައިގެ ރޭންޖު ބުނުމުގައި އެންމެ ކުޑަ އަދަދު ވާންވާނީ އެވަޒީފާގައި ކުންފުނިން ކަނޑައަޅާފައިވާ އުޖޫރައަށެވެ. އިންޓަވިއު ނިމި ހޯލުން ނިކުތުމުގެ ކުރިން ޕެނަލިސްޓުނަށް ޝުކުރު ދަންނަވައި ކުންފުންޏާއި ގުޅި މަސައްކަތް ކުރުމައް އިންތިޒާރު ކުރާވާހަކަ ހާމަ ކޮއްދިނުމަކީވެސް މުހިންމު ކަމެކެވެ. އަދި ސަލާމް ކޮއްލާފައި ނުނިކުތުމަށް ސަމާލުވުން އެއީ މިގޮތުން ކުރުން ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަ ކޮއްލަމެވެ

-->


Share/Bookmark

1 comment:

Anonymous said...

Very informative article